ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނުކަމުގެ ތުހުަމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވެލަބުލިގެ / ގދ. ނަޑެއްލާ، ތޯހިރު މުހައްމަދު (50އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ 12:32 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ހުސްބިމެއްގައި ހުރި ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ އެކުގައެވެ.
އޭނާ ހައްޔަރުކުރި އިރު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
