މިރޭ ކުޅުމަށް ހަމަޖެހިފައިވާ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗާ ގުޅިގެން، އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އާންމުންގެ އަމާންކަމާއި އަނެކުންގެ ހައްގުތަކަށް އިސްކަންދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު އިރުޝާދުގައިވާ ގޮތުން، މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، މެޗުގެ ފޯރީގައި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ވަކިން ހާއްސަކޮށް، މެޗު ކުޅޭ ވަގުތަކީ ދަންވަރުގެ ވަގުތުތަކަކަށް ވުމާއެކު، އެއީ ގިނަ ރައްޔިތުން އަރާމުކުރާ ގަޑިތައްކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބާރަށް އަޑުގަދަކުރުމާއި، ލަވަ ޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އަޅައިގެން އަވަށްޓެރިންނަށް އުނދަގޫވާނޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، މަގުމަތީގައި ބަހައްޓާފައިވާ ބޮޑެތި ސްކްރީންތަކުން މެޗު ބަލާއިރު މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި މެޗު ނިމުމަށްފަހު ގްރޫޕް ހަދައިގެން އެއްވުމާއި، ސައިކަލު ބުރުޖެހުން ފަދަ ހަރަކާތްތައް ނުބޭއްވުމަށްވެސް ވަނީ އަންގާފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށާއި، މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މެޗުގެ ފޯރީގައި ބައިވެރިވާއިރު، މުޖުތަމައުގައި ތިބި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންގެ މި އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވެސް ފުލުހުން އެދިފައި ވެއެވެ.