މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މިހާރުގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެއީ އަމީޒާގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މި ދެ ބޭފުޅުން ހާޒިރުކޮށް އިންޓަވިއު ކުރުމަށްފަހު ދިން މާކްސްތަކަށް ބަލާއިރު ފާތިމަތު އަމީޒާއަށް 92 ޕަސެންޓް މާކްސް ލިބިފައިވާއިރު މުހައްމަދު ހަލީމް އަށް ލިބުނީ 82 ޕަސެންޓެވެ. ދެ ބޭފުޅުންނަކީ ވެސް މަގާމަށް ގާބިލު ބޭފުޅުން ކަމަށް ކޮމިޓީން ނިންމާފައިވީ ނަމަވެސް، މަޖިލީހުގެ ތަޅުމުގައި މިއަދު ފުރަތަމަ ވޯޓަށް އެހީ ލިސްޓުގެ ކުރީގައި އޮތް އަމީޒާގެ ނަމަށެވެ. އަމީޒާގެ ނަން ފާސްވީ 64 މެންބަރުންގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. އޭނާގެ ނަން ފާސްވުމާ ގުޅިގެން ހަލީމްގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.
ގދ. ގައްދޫއަށް އުފަން އަމީޒާ އަކީ ޓެކްސްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަމީޒާ ވަނީ 2010 ވަނަ އަހަރު މީރާ އުފެދުނީއްސުރެ ސީނިއާ މެނޭޖްމަންޓް އޮފިސަރެއްގެ ގޮތުގައި އަދި ފަހުން އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
