މާލޭގެ ކެފޭތަކަށް ހާއްސަކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ މިއަދު ހެނދުނު ހިންގި މި އޮޕަރޭޝަންގައި މާލޭގެ 09 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ކެފޭތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މަހުގެ ތެރޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނަކީ ޖުލައި 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށްގެންދިޔަ ހާއްސަ ރެއިޑް އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ އިތުރުން، މި މަހުގެ 8 ވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް'ގެ ދަށުން 68 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 7 ބިދޭސީއަކު ވަނީ އަތުލައިގަނެފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މާލޭގެ ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުގައި ހިންގި ރެއިޑްގައި 88 ބިދޭސީއަކު ބަލައި ފާސްކޮށް، އިތުރު 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތެކެވެ.
އެގޮތުން، އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މިފަދަ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
