ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށް ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ސީދާ ގާތުން އަޑުއެއްސެވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށްޓަވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން މިދިޔަ ޖޫން މަހުގެ ފަހުކޮޅުއެވެ.
ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް އޭރު ވިދާޅުވީ، ރައްޔިތުން އެކި ގޮތްގޮތުން ހުށަހަޅާ މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކޮންމެ ހަފުތާއަކުވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިއަދު ރައީސް އޮފީހުން ބުނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށް ކަމަށެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ކަމަށް ވެއެވެ.
މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުތައްވެސް މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ނަން ނޯޓުކުރުމުގެ ސުންގަޑިއަކަށް ހަމަޖެހިފައިވަނީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން ވަނީ ހާއްސަ އުސޫލުތަކެއް ވެސް ކަނޑައަޅާފައެވެ. އެ އޮފީހުން އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ރައީސްގެ ބައްދަލުވުމަށް ހާޒިރުވާންވާނީ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށަހެޅި ފަރާތެވެ. އަދި އެ ފަރާތުގެ އިތުރުން އެއް ފަރާތަކަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ވެއެވެ. އެގޮތުން އަނބިމީހާ، ފިރިމީހާ، ދަރި އެ ފަރާތުގެ މައިންބަފައިން ހިމެނެއެވެ.
އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތާއި އެ ފަރާތުގެ ބައިވެރިންނަށް ދިހަ މިނެޓުގެ ވަގުތެއް ދެވޭނެ ކަމަށް ވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ބިރު ދެއްކުމާއި ހުތުރު ބަހުން މުއާމަލާތް ކުރުމުގެ އިތުރުން މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ. އަދި ރައީސް އޮފީހަށް ހާޒިރުވާ އެންމެންވެސް ސަލާމަތީ އުސޫލުތަކަށް ތަބާވާންވާނެ ކަމަށް ވެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ފަށްޓަވާ ބައްދަލުވުމުންތަކެކެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
