މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ހުރަސްއަޅާފައިވާ ކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2,000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމެވީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވެވި އާންމު އަޑުއެހުމެއްގައެވެ. ކޮމިޝަނުން މި ފިޔަވަޅު އެޅީ، ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދި އާންމުން ހުށަހެޅި ފަސް މައްސަލައެއްގައި، ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިއިރުވެސް އެއްވެސް ޖަވާބެއް ދީފައި ނުވާތީއެވެ.

ކޮމިޝަނަރު އާހިދު ފާހަގަކުރެއްވި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގައި މައުލޫމާތު ފޯރުކޮށްނުދިނުމުގެ އިތުރުން، ކޮމިޝަނުން އެންގި އެންގުންތަކަށް ވެސް އެ އޮފީހުން އިޖާބަދީފައެއް ނުވެއެވެ. މިއީ ކޮމިޝަނަރުގެ ގާނޫނީ ވާޖިބުތައް އަދާކުރުމަށް ކުރިމަތިކުރި ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، މި މައުލޫމާތުތައް ދިނުމަށް 45 ދުވަހަށް ވުރެ އިތުރަށް ލަސްވެއްޖެނަމަ، އެ އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާނެ ކަމުގެ އިންޒާރުވެސް މިއަދު ވަނީ ދެއްވާފައެވެ.

އާންމުކޮށް މިފަދަ މައްސަލަތަކުގައި މައުލޫމާތު ދިނުމަށް ކޮމިޝަނުން ދެނީ ފަސް ދުވަހުގެ މުއްދަތެކެވެ. އަދި ކޮމިޝަނަރުގެ މިފަދަ ނިންމުންތައް ކޯޓުގައި އިސްތިއުނާފު ކުރުމަށް އިދާރާތަކަށް 45 ދުވަހުގެ ފުރުސަތެއް ލިބެއެވެ.

ރައީސް އޮފީސް ޖޫރިމަނާކުރި ނަމަވެސް، މިދިޔަ މަހު އިންފޮމޭޝަން ކޮމިޝަނަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީތަކުން "ޕްރޯއެކްޓިވް ޑިސްކްލޯޝާ" ނުވަތަ އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ 100 ޕަސެންޓް ހާސިލްކޮށްފައިވާ ކަމަށެވެ. އޭރު އާހިދު ވިދާޅުވީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އިތުރުން ސަރުކާރުގެ ޖުމްލަ 14 މިނިސްޓްރީއަކުން ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާކަމަށެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތަކުގެ ހާމަކަން ބޮޑުކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އާހިދު ސިފަކޮށްފައި ވެއެވެ.