އައްޑޫ ސިޓީގެ މައި ހައިވޭ، ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބާރަށް ކުރިއަށްގެންދާ ކަމަށް މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންނަށް ދަތިނުވާނެހެން މަސައްކަތް ތަރުތީބުކުރުމަށް އިސްކަންދެއްކަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ލިންކް ރޯޑަކީ އައްޑޫ ސިޓީގެ ދަތުރުފަތުރުގެ މައި މަގަށްވާއިރު، އެ ސަރަހައްދުން ދަތުރުކުރާނެ އިތުރު ޑައިވާޝަން މަގެއް ނެތުމުން، މަޝްރޫއު ކުރިއަށް ގެންދަންޖެހެނީ ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ވަރަށް ބޮޑަށް ވިސްނައިގެންނެވެ.

"އަޅުގަނޑުމެން އެ މަގު ހަދާއިރުގައި ވިސްނާލަންޖެހޭނީ އެއް ފަރާތް ހަދާފައި، ހުޅުވާފައި، އަނެއް ފަރާތް ހެދުމުގެ ކަންތައްވެސް. ރައްޔިތުންނަށް އެ މަގު ބޭނުން ނުކުރެވޭ ގޮތަށް އެއްކޮށް ބަންދުކޮށްގެން ނުކުރެވޭނެކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން އައްޑޫގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން މަގު ފުޅާވެ މިހާރު ދެ ލޭނަށް އޮތް ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ބަދަލުވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ މަގު ފުޅާކުރުމަށްފަހު ކެރިއޭޖްވޭގެ މަސައްކަތް ކުރުމަށް ކަމަށާއި، ސައިޑްވޯކްގެ މަސައްކަތް ކުރިއަށްދާނީ އޭގެ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މި މަޝްރޫއަށް ހާއްސަ އިސްކަމެއް ދޭކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިއްޔެވެސް ރައީސުލްޖުމްހޫރިއްޔާ އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރާއެކު މި މަސައްކަތް ވީހާވެސް އަވަސްކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

2001 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މި މަގު ހަލާކުވެ ބޭނުންކުރަން ދަތިވުމުގެ ސަބަބުން، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. މިއީ ޖުމްލަ 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން 1440 ދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.