މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އިދާރާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެއް ކަމަށެވެ. މި އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ކަމަށް ވެއެވެ.
މި އޮފީސް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާތީ، އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމެވެ.
މިގޮތުން، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމަކީ މި އޮފީހުގެ މުހިންމު ޒިންމާއެކެވެ. މީގެ އިތުރުން، ޕާކުކުރެވޭނެ ވަސީލަތްތައް ތަރައްގީކުރުމާއި، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ ޒަމާނީ ހައްލުތައް ހޯދުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި މި އޮފީހުން އިސްދައުރެއް އަދާކުރާނެ ކަމަށް ވެއެވެ.
"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ހިންގުމަށް ހަމަޖެހިފައިވަނީ ގަވާނިންގް ބޯޑެއްގެ ލަފާގެ ދަށުންނެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީގައި ޖަހާނެ ނަންބަރަކީ، 1142 ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.
