އދ. އޮމަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން، މިހާރު ކުރިއަށް ދަނީ އިމާރާތުގެ ފުރާޅުގެ ލަކުޑި އޮނިގަނޑު ހެދުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ، މަޝްރޫއުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށް ޓަކައި ސައިޓުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން މިހާރު ކުރަމުންދަނީ ފުރާޅުގެ މައިގަނޑު އޮނިގަނޑު ރޭވުމާއި ހަރުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
އދ. އޮމަދޫގައި ގާއިމުކުރާ ޕޮލިސް ޕޯސްޓަކީ އެ ރަށުގައި އަމާންވެއްޓެއް ގާއިމުކޮށް، ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ކުށްމަދު ކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިއީ 13 މާޗު 2025 ގައި ސޮއިކުރެވުނު ބޮޑު އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫއެއްކަމަށްވާއިރު، ރާއްޖޭގެ 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހިންގާ މި ބޮޑު އުމްރާނީ މަޝްރޫއުގެ ތެރެއިން 15 ރަށެއްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.
"ރައްޔިތުންގެ ކުންފުނި" ގެ ނަމުން މަޝްހޫރުވެފައިވާ އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އިތުރުން މިފަދަ ގިނަ އަދަދެއްގެ އުމްރާނީ ބިނާތައް ކާމިޔާބުކަމާއެކު ނިންމަމުން އަންނަ ކުންފުންޏެކެވެ.
