ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ވިލިމާލެ ކަނދޮޅުމާގޯޅީގައި މި މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ މެންދުރުފަހު 15:12 އެހައިކަންހާއިރުކަމަށެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.