ކ. ހިންމަފުށިން މާލެ ދަތުރުކުރި ލީޖަން 101 ލޯންޗާއި މަސްދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 20:45 ހާއިރު ހިންމަފުށިން އައި ލީޖަން 101 ލޯންޗާ މަސްދޯންޏެއް ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓު ހިނގުމަށްފަހު މަސްދޯނި ވަނީ މަޑުނުކޮށް ފިލައިގެން ގޮސްފައިކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި ލީޖަންގައި އިން ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެއްގެ އަތް ބިންދައިގެން ގޮސްފައިވާކަމަށާއި، ލޯންޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުގައި ގިނަ އަދަދެއްގެ ލޭ ވެސް ހުއްޓެވެ. ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މި ހާދިސާއާ ގުޅިގެން މީހުން އަންނަނީ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ލޯންޗު ފަހަރު ދުއްވާ ކަމުގެ ޝަކުވާ ކޮށް އެ މައްސަލަ ބެލުމަށް ގޮވާލަމުންނެވެ.
