އދ. އޮމަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި ކުރިއަށްގެންދާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫއުގެ ބޮޑު ބައެއް ނިމި، މަޝްރޫއުގެ ޖުމްލަ 86 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ހިލަ ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާ ހިލަތައް އެތުރުމުގެ ނުވަތަ ޕްރޮފައިލް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫއަކީ އޮމަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން މި މަޝްރޫއު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 17 އޮގަސްޓް 2023 ގައެވެ.

އޮމަދޫއަކީ ފުޅާދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށް ވެފައި، ރަށްގިރުމުގެ ސަބަބުން ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، މި މަޝްރޫއު ނިމުމުން ރަށުގެ ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.