ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، މާލެއާއި ހުޅުމާލޭގައި ހާއްސަ މޮނިޓަރިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނަކީ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)" ގެ ދަށުން ހިންގުނު ހަރަކާތެކެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ޖުމްލަ 68 ބިދޭސީއަކު ހުއްޓުވާ، އެ މީހުންގެ ލިޔެކިޔުންތަކާއި ރާއްޖޭގައި އުޅޭ ހުއްދަ ޗެކުކޮށްފައިވާއިރު އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

މި އޮޕަރޭޝަންތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ހުއްދަ އޮތް، އަދި ގާނޫނަށް ބޯލަނބާ ބައެއްކަން ކަށަވަރުކުރުމަށް މެދުކެނޑުމެއް ނެތް ގޮތެއްގައި ކުރިއަށްގެންދާނެ ސިލްސިލާ ހަރަކާތްތަކެކެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތެކެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން

އެގޮތުން، އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މިފަދަ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.