ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ހިންގަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތްތަކަކީ 740 ގްރާމް ކެނެބިސް އާއި 2.7 ކިލޯގެ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ މަގުމަތީ އަގު 2 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މަހުގެ 18 ވަނަ ދުވަހުވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ.

އެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3610 ގްރާމް ހުރިއިރު އޭގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކޮށްފައި ވެއެވެ. އަދި ހަމަ އެހެންމެ މިދިޔަ މަހުގެ 9 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.4 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލްވެސް އަތުލައިގެންފައި ވެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތުމަށް ފަހު ފުލުހުންނާ ހަވާލުކޮށް މިފަދަ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާރު ވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ބަންދުގެ މުއްދަތު ޖަހާފައި ތިބި އިރު، ބައެއް ފަރާތްތަކާ މެދު ހުކުމް ކޮށް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އަދި ފަހަކަށް އައިސް މަސްތުވާތަކެތި އެތެރެކުރުމުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަކީ ފާހަގަކޮށްލެވޭ ކަމަކަށްވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެން ބިދޭސީން ވެސް ހިމެނެއެވެ.