ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބާރުވެރިކަން ދިނުމުގެ ގޮތުން ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިސެފުން ވަނީ މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިންގެ އިތުރުން، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ މުހިންމު ސާމާނުތަކެއް ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ. މި އެހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްހަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރު ގީލާ އަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލުން އަރައިގަތުމަށް ލިބުނު މި ވެކްސިންތަކަކީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ލިބުނު ވަރަށް މުހިންމު ބާރެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުޖުތަމަޢާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ނަތީޖާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފްގެ އިތުރުން އަވަށްޓެރި އިންޑިއާއިންވެސް ވަނީ ދާދިފަހުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 20,000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ސިއްހީ އާލާތްތައް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއިން 121 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. ވަކިން ހާއްސަކޮށް މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 55 ކޭސް ފެނިފައިވާތީ، ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 5,495 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.