ހުޅުމާލެ، ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ.ތިނަދޫ، ލުކިންގްލާސް، ނަސްރުﷲ ޝަކީލު ހުސައިން (38އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނި މި ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕާ ފޮތިތައް ވަގަށްނަގާފައިވާ ކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މާލެ ސަރަހައްދުގައި ކަރަންޓް ފޮށިތަކުން ވައްކަންކުރުމުގެ މައްސަލަ ވަނީ ބޮޑަށް އިތުރުވެފައެވެ.