ސަރުކާރުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ހިންގުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކުރި މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ. ނަމަވެސް، 2023 ވަނަ އަހަރު މި ޕްލާންޓްގެ މަސައްކަތް ނިންމާލާފައިވަނީ އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ފުރިހަމަނުކޮށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްލާންޓް އަދިވެސް ހިންގާން ނުފެށި އޮތީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ

އެގޮތުން ޕްލާންޓަށް ދުވާލަކު ބޭނުންވާ 50 ޓަނުގެ ކުނި ހަމަކުރުމަށްޓަކައި، ދެކުނުގެ ތިން އަތޮޅުންނާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުން އައްޑޫއަށް ކުނި ގެންދެވޭނެ އެކަށީގެންވާ އިންތިޒާމެއް ކުރިން ހަމަޖެހިފައެއް ނެތެވެ. އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން މިވަގުތު ރާއްޖޭގައި ނެތްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން، އަހްމަދު މުރުތަޟާ ވިދާޅުވީ، ތިލަފުށީގައި ހިންގާ ޕްރޮޖެކްޓް ކުރިއަށްގެން ދިޔައީ ކޮންޓްރެކްޓަރު ނިންމާފައި 15 އަހަރަށް ހިންގާ ގޮތަށް "ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް" މޮޑެލްއަށް ކަމަށެވެ. ނަމަވެސް ވަންދޫ އާއި އައްޑޫގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ރާއްޖޭގައި އެ ކެޕޭސިޓީ ބިލްޑް ކުރެވޭނެ ކަމަށް ބެލެވުނު ނަމަވެސް ކަންތައްތައް ދިމާވީ އެހެން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ އަގުބޮޑެތި ވަސީލަތްތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވަމުންދިޔުމަކީ ރާއްޖެ ފަދަ ގައުމަކަށް އޭގެ ގެއްލުން ބޮޑުކަމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މި މަޝްރޫއު ހަވާލުކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މި ޕްލާންޓްގެ މަސައްކަތް އަމިއްލަ ފަރާތަކާ ރަސްމީކޮށް ހަވާލުކުރެވޭނެ ވަކި ތާރީހެއް އަދި ކަނޑައެޅިގެން ނޭނގޭ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.