ގ. ފުންފަޅު ގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 (ނުވަދިހަ ފަސްހާސް) ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މީގެ އިތުރުން، އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް ކަމަށްވާ 5އޭ، 5ބީ އަދި 5ސީ ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 10:49 ހާއިރުއެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ އެރޭ 11:48 ހާއިރުއެވެ. އަލިފާން ރޯވީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ.

މި ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެގޮތުން ކޮޓަރީގެ ބަންކު ބެޑާއި، ގޮދަނޑިތަކާއި، ފޮތްތަކާއި އަލަމާރި ފަދަ ތަކެތި ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. މީގެ އިތުރުން، މުޅި އިމާރާތުގެ ފެންވައަރިންއަށް ގެއްލުންވެ، ހުރިހާ އެޕާޓްމަންޓަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ޖުމްލަ 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުން ފަރުވާ ހޯދި 25 މީހުންނާއި އޭޑީކޭއިން ފަރުވާ ހޯދި 3 މީހުން ހިމެނެއެވެ. އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރޭގައި 6 މަހުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ގަލޮޅު މަދަރުސާގައި ވަގުތީ އިވެކުއޭޝަން ސެންޓަރެއް ގާއިމުކުރެވުނުއިރު، އެ ސެންޓަރު މެދުވެރިކޮށް 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި، 30 އަންހެނުންނާއި 4 ކުޑަކުދިންނެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތަކުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންނާއި އެމްއެންޑީއެފުން އަންނަނީ ތަހުގީގު ކުރަމުންނެވެ.