ރާއްޖޭން ހިމަބިހި ޖެހުނު މީހުންގެ އަދަދު 72 އަށް އަރައިފިއެވެ.

މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ދިޔައީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.

އެ ބައްޔާއި ގުޅޭ ގޮތުގެ ތަފްސީލުތައް ހާމަ ކުރަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ފައިސަލް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 72 ކޭސް ފެނިފައިވާ ކަަމަށެވެ. އަދި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭއިރު، ބާކީ އެންމެންނަކީ ޒުވާން އުމުރުގެ މީހުން ކަމަށް ވެއެވެ. އެހެންކަމުން އުމުރުން 15-35 އަހަރުގެ މީހުންގެ ހިމަބިއްސަށް ޖަހާ 2 ޑޯޒް ފުރިހަމަކުރުމަށް ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ހިމަބިހީގެ ފަހުގެ ތަފާސްހިސާބުތައް އެންމެ ފަހުން އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު އެޗްޕީއޭއިން ވަނީ، މިއަހަރުގެ މިހާތަނަށް ހިމަބިއްސަށް 66 މީހުން ފައްސިވެފައިވާކަން ހާމަކޮށްފައެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، އެޗްޕީއޭ އިން އާންމުންނަށް ހުޅުވާލައިގެން ހާއްސަ ވެކްސިން ދިނުމުގެ ޕްރޮގްރާމެއްވެސް މިހާރު ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ވެކްސިން ދެމުންދަނީ ސިއްހީ ހިދުމަތްތެރިންނަށާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ތިބި ކުދިންނަށެވެ.

މީގެ އިތުރުން، އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭ އިން ދަނީ ތައްޔާރުވަމުންނެވެ.

ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ "މީސްލްސް"ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.