މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ސަތޭކަ އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، މަޝްރޫއުގެ ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެއެވެ.

މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަރުޙަލާ ކަމަށްވާ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ކީވޯލްގެ އެންމެ ފަހުގެ ކެޕިންގް ކޮންކްރީޓް މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފައެވެ.

މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީން ދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫއުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ލިބިފައިވެ އެވެ. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.