ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް، ބިންހެލުމާ ގުޅޭ މައުލޫމާތު އާންމުންނަށް އޮޅޭ ގޮތަށް ނުފެތުރުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީހެއް ނުވަތަ ތަނެއް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް، ދިގު މުއްދަތަކަށް ބަލައި ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓު

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓުތަކެއްގައި، ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓް ކަމަށްވާ "ކާލްސްބާގު ރިޖް" އަށް ކުރިއަށް އޮތް ދުވަސްތަކުގައި 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަންނާނެ ކަމަށާއި، އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ދަނީ ބުނަމުންނެވެ.

މެޓް އޮފީހުން ވަނީ މި ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާއިން މެދުކަނޑުމެއް ނެތި ބިންހެލުންތަކުގެ މައުލޫމާތު ބަލަމުން ކަމަށެވެއެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ފެތުރޭ މިފަދަ ދޮގު ހަބަރުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މާލެއާ ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުގައި އޮންނަ ކާލްސްބާގު ރިޖަކީ ދޭތެރެއަކުން ކުދި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑުކުރެވިފައިވަނީ 15 ޖުލައި 2003 ގައި 7.6 މެގްނިޓިއުޑްގައެވެ.