މިސްރުގެ އާ އިދާރީ ވެރިރަށުގައި ގާއިމުކޮށްފައިވާ ދައުލަތުގެ އާ ސްޓްރެޓީޖިކް ކޮމާންޑް މަރުކަޒު ކަމަށްވާ "ދި އޮކްޓަގަން" ރަސްމީކޮށް ހުޅުވައިފިއެވެ. ޖުލައި 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 22،000 އޭކަރުގެ ސަރަހައްދެއްގައި ބިނާކޮށްފައިވާ މި މަރުކަޒަކީ މެދުއިރުމަތީގައި ހުރި އެންމެ ބޮޑު ދިފާއީ އަދި އިދާރީ ކޮމްޕްލެކްސްއެވެ.

އާދައިގެ އަސްކަރީ މަރުކަޒުތަކާ ހިލާފަށް، މިސްރުގެ އޮފިޝަލުން މި ތަން ސިފަކުރަނީ ކުޑަ އިދާރީ އަދި ދިފާއީ ސަހަރެއްގެ ގޮތުގައެވެ. މި ކޮމްޕްލެކްސްގައި 13 ސްޓްރެޓީޖިކް އަދި ލޮޖިސްޓިކަލް ޒޯން ހިމެނެއެވެ. މީގެ އިތުރުން، މައިގަނޑު ދެ ކޮމާންޑް އިމާރާތް ވަށައިގެން ގުޅިފައިވާ އަށް ފަރާތް ހުންނަ އަށް އިމާރާތް ހުރެއެވެ. މި އިމާރާތުގެ ފަރުމާކުރުމުގައި ބޯދާ މިސްރުގެ ހަޟާރަތުގެ މަތިވެރިކަމުން ހިތްވަރު ހޯދާފައިވާއިރު، އަށް ފަރާތް ހުންނަ ގޮތަށް ފަރުމާކޮށްފައިވަނީ ދައުލަތުގެ ހުރިހާ ގޮފިތަކެއްގެ މެދުގައި އޮންނަ ބާރާއި ގުޅުން ރަމްޒުކޮށްދިނުމަށެވެ. މި ޑިޒައިނަކީ އެ ގައުމުގެ ހުރިހާ އަސްކަރީ ބާރުތަކެއް އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރުން ރަމްޒުކޮށްދޭ ފަރުމާއެއް ކަމަށް މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސަރވިސް (އެސްއައިއެސް) އާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިސްރުގެ ސަހަރާގައި މުޅިން އަލަށް ހެދި ކޮމާންޑް ސެންޓަރު ހުޅުވަން ސީސީ ވަޑައިގަންނަވަނީ

މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އައްސީސީ ވިދާޅުވީ، މިއީ މިސްރުގެ ރައްޔިތުންނަށް ހުރި ބިނާއެއް ކަމަށާއި، މިއިން ދައްކުވައިދެނީ ސުލްހައާއި ހަމަޖެހުމަށް މިސްރުން ކުރާ މަސައްކަތް ކަމަށެވެ. “ސުލްހަ ބޭނުންވާ ފަރާތްތަކަށް މިސްރުން އޮތީ ސުލްހައަށް އިސްކަންދީގެން،” ކަމަށް އޭނާ ވިދާޅުވި ކަމަށް ޖެރޫސަލަމް ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ. އަދި މިއީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން މިސްރުގައި ހުރިކަން ސާބިތުކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިސްރުގެ ސެންޓަރ ފޯ ސްޓްރެޓީޖިކް ސްޓަޑީޒްގެ ކުރީގެ ޑިރެކްޓަރ މޭޖަރ ޖެނެރަލް މުހައްމަދު އަބްދުލް މުނައިމްއާ ހަވާލާދީ އީޖިޕްޓް އިންޑިޕެންޑެންޓް ނޫހުން ބުނެފައިވަނީ، މިއީ މިސްރުގެ ގައުމީ ސަލާމަތުގެ ވިސްނުމަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ކާރިސާއެއް ދިމާވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، މިހާރު މިސްރުން މިސްރާބު ޖަހާފައިވަނީ ކުރިއާލައި ރާވައި، ނުރައްކާތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށެވެ. މި މަރުކަޒުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ބޮޑެތި ޑޭޓާ ނިޒާމުތަކާއި، ސައިބަރ ސެކިއުރިޓީގެ އެންމެ ފަހުގެ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، ހަތަރުވަނަ އަދި ފަސްވަނަ ޖީލުގެ ސައިބަރ ހަނގުރާމަތަކާއި ނުރައްކާތަކާ ކުރިމަތިލުމަށް ބޭނުންވާ އެންމެ ޒަމާނީ ޑިޖިޓަލް ދިފާއީ ނިޒާމުތައްވެސް މިތަނުގައި ހުރެއެވެ. މިއީ އެ ގައުމުގެ އަމިއްލަ އޮޕަރޭޓިންގ ސިސްޓަމްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، ބިމުގެ އަޑީގައިވެސް ރައްކާތެރިކަމާއެކު މަސައްކަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށް މުނައިމް ފާހަގަކުރެއްވިއެވެ.

މިސްރުގެ އޮކްޓަގަން އާއި އެމެރިކާގެ ޕެންޓަގަން

އެމެރިކާގެ ދިފާއީ ވުޒާރާގެ މައި މަރުކަޒު ކަމަށްވާ ޕެންޓަގަންއާ އެއްގޮތް ސިފަތަކެއް ހުރި މި މަރުކަޒަކީ، ދުނިޔޭގެ ނިސްބަތުންވެސް ވަރަށް މަދު ތަނެކެވެ. މުނައިމް ވިދާޅުވި ގޮތުގައި، މިފަދަ ފެންވަރުގެ ސްޓްރެޓީޖިކް ކޮމާންޑް މަރުކަޒުތައް ދުނިޔޭގައި ހުރީ އެންމެ ތިން ގައުމެއްގައެވެ. އެއީ އެމެރިކާއާއި، ރަޝިއާގެ އިތުރުން މިހާރު މިސްރުގައެވެ. މި މަރުކަޒުގެ ޓެސްޓު މަރުހަލާގައިވެސް ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ސޫދާނަށް އައި ފެންބޮޑުވުމުގެ ކާރިސާގެ އަސަރު މިސްރަށް ކުޑަކުރުމަށާއި، ފަހަކަށް އައިސް ރަތް ކަނޑާއި ސުއޭޒް ކެނަލް ސަރަހައްދުގައި އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ކަނޑުދަތުރުފަތުރާއި މުދާ ސަޕްލައިކުރުމުގެ ކަންކަން ރައްކާތެރިކުރުމުގައި މި މަރުކަޒުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

"ދި އޮކްޓަގަން" ހުޅުވުމަކީ، މިސްރުގެ މުހިންމު މުއައްސަސާތައް އާ އިދާރީ ވެރިރަށަށް ބަދަލުކުރުމަށް އެ ގައުމުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން ކުރެވުނު ކަމެކެވެ. މިކަމުގެ ސަބަބުން މިސްރުގެ އަސްކަރީ ތައްޔާރީތައް އިތުރަށް ހަރުދަނާވެ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.