މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކޮށް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަވާ ކަމަށެވެ. ​މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ​30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި ​23 އަހަރުގެ ދިވެހި ފިރިހެނަކާއި ​21 އަހަރުގެ ދިވެހި ފިރިހެނަކާއި ​34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ​32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި ޖުލައި 2 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.

​މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ. އަދި ބާކީ ތިބި 2 މީހުން ކޯޓުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.