ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިއީ ހުޅުމާލޭގައި ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއާއި ގުޅިގެން އަރުވާ ހަވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެހެންކަމުން މިރޭ 22:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތުގައި 3 މިނެޓެއްހާއިރަށް ހަވާ އަރުވާނެ ކަމަށް މައުލޫމާތު ދެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓާގައި މަސައްކަތް ކުރާ މުހިންމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ހަރަކާތެކެވެ.

އެކި މުނާސަބާ ތަކާ ގުޅިގެން މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދެނީ މިނެޓަކަށް 1،000 ޑޮލަރަށެވެ.