ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރުވާ) މެދުވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އަހަރީ ގޮތުން ދޭ ކޮންޓްރިބިއުޝަނެއްގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މި އެހީ ދިނުމަށް ރާއްޖެއިން ނިންމާފައިވަނީ، މި މަހުގެ 1 ވަނަ ދުވަހު އދ. ގެ މައި މަރުކަޒުގައި ބޭއްވި "އަންރުވާ ޕްލެޖިންގ ކޮންފަރެންސް 2026" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިކަން އިއުލާންކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

އދ. ގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި ޑރ. އަލީ ނަސީރު ވިދާޅުވީ، އަންރުވާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ބަޖެޓަކުން ނިންމާ ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ އިންސާނީ ކަރާމާތް ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން، އަންރުވާގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށާއި އެ އެޖެންސީއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް އަލިއަޅުއްވާލައްވައި، އަންރުވާގެ މެންޑޭޓް ފުރިހަމައަށް އަދާކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އޭނާ ގޮވާލެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން ވެސް މަންދޫބު ވަނީ ތަކުރާރު ކުރައްވާފައެވެ.

ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން 2024 ވަނަ އަހަރު ވެސް އަންރުވާ އަށް 50،000 އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ބައިނަލްއަގުވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރަމުންނެވެ.