މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ މާލީ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި، އީޖާދީ ކަންކަމުގެ އިތުރުން މާލީ ކަންކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ މުހިންމު ޕްލެޓްފޯމެކެވެ.
އުރީދޫން ބުނީ، މި އެކްސްޕޯގައި އުރީދޫގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް، އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ހާއްސަ ގޮތެއްގައި، ދާދިފަހުން ތައާރަފުކުރި އެމްފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމާއި، އެކައުންޓްތައް ލިންކް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތުގެ ސަބަބުން ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު، ސީދާ އެމް-ފައިސާ ވޮލެޓަށް ޖަމާކުރެވޭނެއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސޯދުގައި ބައިވެރިވެ، ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށް ހުޅުވިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އުރީދޫން ބުނެއެވެ.
އެކްސްޕޯގެ ތެރެއިން ބާއްވާ ހާއްސަ ޕެނަލް މަޝްވަރާއެއްގައި، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަހްމަދު ނޫމާން ބައިވެރިވެވަޑައިގަންނަވާނެއެވެ. "ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަގްބަލް" މި މައުލޫއަށް ބާއްވާ މި މަޝްވަރާގައި، ޑިޖިޓަލް މާލީ ހިދުމަތްތަކުން މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުވާ ގޮތާއި، ބައިނަލްއަގްވާމީ ބާޒާރުތަކަށް މަގުފަހިވާ ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާ ހިއްސާކުރައްވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށް، އެ ކުންފުނީގެ ސްޓޯލުން އެމް-ފައިސާގެ ހިދުމަތްތައް ތަޖުރިބާކޮށްލުމަށް އާންމުންނަށް ދައުވަތު އަރުވާފައެވެ.
