ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރި ބްރީފްކޭހެއް ފޭރުނު މައްސަލާގައި ދައުވާ އުފުލާފައިވާ އަށް މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހިންގި މި ހާދިސާގައި، ތުހުމަތުކުރެވޭ މީހުން އެއާޕޯޓަށް ގޮސްފައިވަނީ ޓެކްސީއެއްގައެވެ. ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ފޭރުމަށްފަހު، އެމީހުން ފިލާފައިވަނީ އެއާޕޯޓަށް ތައްޔާރުކޮށްފައި އޮތް ލޯންޗެއްގައެވެ. ނަމަވެސް، ފުލުހުން ހަމަ އެދުވަހު އެ ލޯންޗު ހޯދައި، މި މައްސަލާގައި ހިމެނޭ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހާއި 26 ވަނަ ދުވަހުއެވެ.

ޕީޖީއިން ބުނީ މި ދައުވާތައް ކޮށްފައިވާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، 4,900 ޔޫރޯއާއި، 1,735 ޕައުންޑާއި، 2,610 ސިންގަޕޯ ޑޮލަރާއި، 1,345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1,515 ކެނޭޑިއަން ޑޮލަރާއި، 334,000 ޖަޕަނީސް ޔެންއާއި، 10,420 ހޮންގްކޮންގް ޑޮލަރާއި، 106,120 ޔޫއެސް ޑޮލަރާއި، 23,778 ދިވެހި ރުފިޔާއާއި، 25,000 އިންޑިއަން ރުޕީސްއާއި، 600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއާޕޯޓް އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީ އާއި އެ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީކަމަށެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން އަށް މީހެއްގެ މައްޗަށް އެކި ދައުވާތައް އުފުލާފައިވެއެވެ. އެގޮތުން ތ. ވިލުފުށި، އެހީވާގެ އަހްމަދު މާހިދުގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އަދި ސ.ހިތަދޫ، ވަށަގުލިމާގެ އަލީ އަފްޒަލްގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާކޮށްފައިވަނީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު، ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް، ލ. މާވައް، ރޭޝަމް، މާޒިން މޫސާ އަދި މ.ކޯރަސް، އަހްމަދު ރައިހާން ނައީމްގެ އިތުރުން ރ. މަޑުއްވަރި، މީޒާން، އިސްމާއީލް ސިރްހާން ގެ މައްޗަށެވެ.

މި ހާދިސާގެ ސަބަބުން ބީއެމްއެލްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު، ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވެއެވެ.