މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ބޯހިޔާވަހިކަން ލިބޭ މީހުން ކަނޑައަޅައި މިއަހަރުގެ ތެރޭގައި އެކަން އިއުލާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ކަމަށެވެ. އަދި މިއީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް އެކަމުގެ ތެރެއަށް ވަނަނުދީ، އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލުތައް މިހާރު ދަނީ ރަނގަޅަށް ވެރިފައިކުރަމުންނެވެ. ބޯހިޔާވަހިކަން ދޫކުރާނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ޕޮއިންޓް ހަމަވާ ތަރުތީބުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ލިސްޓު އާންމުކުރާއިރު، ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫއެއްގެ ދަށުން ކޮން ފްލެޓެއްކަން އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި އެ ސަރަހައްދު ހިއްކައި ނިންމާލެވޭނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި އަޅާ ފްލެޓުތައް 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސައްކަތްތަކަށް ކުޑަ ލަސްކަމެއް އައި ނަމަވެސް، ރެއާއި ދުވާލު މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ.
