މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތްތައް އިތުރު ގިޔަރަކަށް ބަދަލުކޮށް، ކުރިއަށް އޮތް އަހަރަކީ އެކަމުގައި ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ހައްދަވާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި ޖަލްސާގައި އިހްސާން ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކުދިން އެ މާހައުލުން ދުރުކޮށް، އެކުދިންނަކީ މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ ބަޔަކަށް ހެދުމަށް ކުރިއަށް އޮތް އަހަރު ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާ، މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހައި ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހިންގާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މި މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހި ރައްޔިތުން މުއައްސަސާއަށް ކުރައްވާ އިތުބާރު. މި އިތުބާރު ދެމިއޮންނާނީ ފުލުހުންގެ އިންޓެގްރިޓީ އާއި ހަމަހަމަކަމާއި ޒިންމާދާރުކަމާއި ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށް ދެއްވާ އިހުތިރާމުން،" އިހްސާން ވިދާޅުވިއެވެ.

ފުލުހުންގެ އަމާންކަން ބެލެހެއްޓުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ހިފާ މިންވަރު އިތުރުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުރަން ރޭވިފައިވާ ކަންކަން ހިއްސާކުރައްވަމުން އިހްސާން ވިދާޅުވީ 911 އިމަޖެންސީ ސެންޓަރު އަޕްގްރޭޑްކޮށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިން އިކުއިޕްމަންޓް ހަރުކޮށް، އެހީއަށް އެދޭ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ގޮތް ހެދާނެ ކަމަށެވެެ. އަދި ކެމެރާ ފީޑް ގުޅާލުމާއެކު އެހީއަށް އެދޭ ސަރަހައްދުގައި ހަރުކޮށްފައިވާ ފުލުހުންގެ ކެމެރާ ފީޑްތައް ކޮމާންޑް ސެންޓަރަށް ވަގުތުން ފެންނާނެ ސިސްޓަމެއް ގާއިމުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ހިދުމަތް ތައާރަފްކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކާއެކު، ފުލުހުންގެ އޮފިސަރުން މިހާރަށް ވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ހިދުމަތުގެ ރަން އަހަރަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ހުރިހާ ފުލުހުންވެސް އިންސާފުވެރިކަމާއި، އިންސާނިއްޔަތުކަމާ އެކު ޕްރޮފެޝަނަލްކޮށް މަސައްކަތްތައް ބައްޓަންކުރުމަށް ވަނީ ގޮވާލައްވާފައެވެ.