ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މި ފަދައިން ވިދާޅުވީ، ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަތަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
އޭގެ އިތުރުން، މިއަދު ފުލުހުން މި ދެކޭ ޒަމާނީ ދިވެހި ފުލުހުންގެ މުއައްސަަސާ 2004 ވަނަ އަހަރު ވުޖޫދުމާއި މި މުއައްސަސާ މިގޮތުގައި ބިނާވުމުގައި އާދަޔާ ހިލާފު ނަމޫނާއެއް ދައްކަވައި މި ކާމިޔާބު މަސައްކަތް ހަގީގަތަކަށް ހަދައިދެއްވި ދިވެހި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރުގެ އިތުރުން ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާ ކޮށްފައި ވެއެވެ.
