ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:05 އެހައިކަންހާއިރުއެވެ. ހަމަނުޖެހުން ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެޕާޓްމަންޓް ބަލައި ފާސްކޮށްފައި ވެއެވެ. މި ފާސްކުރުމުގެ ތެރެއިން ތަހުގީގަށް ބޭނުންވާނެ މުހިންމު ހެކިތަކެއް އެއްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނެއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.