އދ. ހަންޏާމީދޫގައި، ބަގީއަކާ އެކު މޫދަށް ވެއްޓި ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރުއެވެ. އަދި އެ ހާދިސާގައި ނިޔާވެފައި ވަނީ އެ ރަށު ޑޭޒީވިލާ، އުމުރުން 13 އަަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީސްއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ ބަނދަރު ކައިރީގައި ހުރި ބަގީއެއްގައި ތަޅުދަނޑި ޖަހާފައި އިން ވަގުތު އެ ކުއްޖާ އެއަށް އަރާ ދުއްވުމުން ކަމަށް ވެއެވެ. އެއާއެކު ބަގީ ކޮންޓްރޯލް ނުވެ، އެ ރަށު ފަޅު ތެރެއަށް ވެއްޓުނީއެވެ.
އަދި ކުއްޖާ ނިޔާވެފައި ވަނީ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެންގޮސް އެ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ހާދިސާ ފުލުހުން ތަހުގީގު ކުރުަމުންދާއިރު ތަހުގީގަށް ބޭނުންވާ ޓެސްޓްތަައް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ރޭ 12 ޖެހިއިރު ވަނީ އެ ކުއްޖާގެ ޖަނާޒާ ބާއްވާފައެވެ.
