ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވުމަށް މިއަދު ހަވީރު ފުވައްމުލައް ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބިނާ ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރުއެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި، ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މި ސެންޓަރާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ސެންޓަރު ހުޅުވުމާއެކު ފުވައްމުލައް ސިޓީގައި ގުރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމްތައް އިތުރުކޮށް، ކިޔަވައިދޭ މުދައްރިސުންގެ އަދަދުވެސް އިތުރުކުރެވޭނެ ކަމަށެވެ. އަދި ފުވައްމުލަކު އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމުމުން، ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް އެތަނަށް ބަދަލުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އިސްލާމީ މަރުކަޒު ނިމުމުން މިހާރު ހުޅުވުނު އައުޓްރީޗް ސެންޓަރު ބަދަލުވެގެންދާނީ "ވަގުފު ބިނާ" އަކަށެވެ. އަދި އެތަނުން ލިބޭ އާމްދަނީ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީގެ ދީނީ ކަންކަން ކުރިއެރުވުމަށެވެ. ފުވައްމުލަކުގައި އަލަށް ހުޅުވި މި ސެންޓަރުގައި ފަސް ކުލާސްރޫމާއި، ނަމާދުކުރާ ކޮޓަރިއަކާއި، ހިފްޒު ޓެސްޓުކުރާ ކޮޓަރިއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއަކާއި އޮފީސް ބައެއް ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ 16 ރަށެއްގައި މިފަދަ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، މި ސަރުކާރުން ވަނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބާއްވާ، ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައް ދެވޭ އެންމެ ޝަރަފުވެރި މުބާރާތުގެ ގޮތުގައި ހަމަޖައްސާފައެވެ.