މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދާ ފަރާތްތައް މުޖުތަމައުގައި އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޑްރަގް ކޯޓުގެ ފަރުވާގެ ނިޒާމު ކާމިޔާބުކަމާއެކު ނިންމާލި 300 އަށް ވުރެ ގިނަ ބައިވެރިންނަ ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފަރުވާ ހޯދާ މީހުން އަނބުރާ މުޖުތަމައަށް ރުޖޫއަވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. މިގޮތުން، ފަރުވާގެ މަރުހަލާތަކަށްފަހު އެ މީހުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ކާމިޔާބު ދިރިއުޅުމެއް އުޅޭ ބަޔަކަށް ވުމަށް ބޭނުންވާ ހާއްސަ މަޝްރޫއުތަކެއް ސަރުކާރުން ރާވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިހްސާންގެ ވާހަކަފުޅުގައި، ފަރުވާ ހޯދާ ފަރާތްތައް އެކަނިވެރިކޮށްލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން ހާމަކުރެއްވިއެވެ. އޭގެ ބަދަލުގައި، އެ ފަރާތްތަކަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތަކާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމެއް ފަރުމާކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހެބިލިޓޭޝަންގެ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނ. ވެލިދޫގައި ތަރައްގީކުރާ ސެންޓަރުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހަށް ނިމޭނެ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ނިޔަލަށް ކާށިދޫ އަދި ލ. ގަމުގައިވެސް ޑްރަގް ރިހެބިލިޓޭޝަންގެ ހިދުމަތްތައް ގާއިމްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ފަރުވާ ދިނުމުން ނިމޭ ކަމެއް ނޫންކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް މުޖުތަމައުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ވަބާގައި ޖެހިފައިވާ މީހުންނާ މެދު އާންމުން ދެކޭ ގޮތް ބަދަލުކޮށް، އެ މީހުންނަށް އޯގާތެރިކަމާއެކު އަތެއް ދިއްކޮށްލުމަކީ މުޅި މުޖުތަމައުގެ ފަރުދީ ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހާއްސަކޮށް ވަޒީފާ ދޭ ފަރާތްތަކުން މިފަދަ މީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމީހުން ދާއިމީ ގޮތެއްގައި ކުށުގެ ވެށިން ދުރުވުމަށް ލިބޭނެ އެންމެ ބޮޑު ބާރަށް ވާނެ ކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.