ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެއުޅޭ ބޭރުގެ މަސްބޯޓުތަކެއް ފާހަގަކުރެވިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ސިފައިންގެ އިދާރާއިން ބުނީ، ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓެއް ދަތުރުކުރަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި އުޅަނދުތައް ފެނިފައިވަނީ ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 މޭލު ބޭރުން، އިކްއެޓޯރިއަލް ޗެނަލް ތެރެއިންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ދެ ބޯޓުވެސް ދަތުރުކުރަމުންދަނީ އިރުން ހުޅަނގަށެވެ. ނަމަވެސް މި އުޅަނދުތަކަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއްކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.