ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ހެޔޮކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފިއެވެ. މި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި އިސްލާހަކީ، މީގެ ކުރިން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރަން ނިންމި ނިންމުން ބަދަލުކުރުމަށް ހުށަހެޅި ބިލެކެވެ. ބިލުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ބިލު މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވުމަށް ނިންމަވާފައެވެ.

މިއަދުގެ ޖަލްސާގައި މި ބިލަށް ކުރެވުނު ބަހުސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ވައްކަމުގެ ތުހުމަތުތައް ވެސް ކުރިއެވެ. މަޖިލީހުގެ ތަޅުމުގައި ހިނގި ޒުވާބުތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުން ބޭރުކުރިއިރު، އެ ޕާޓީގެ އެއްވެސް މެންބަރަކު ބިލު ބަލައިގަތުމުގެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ކުރިން ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރުވެދާނެތީ ކަމަށެވެ. ނަމަވެސް، ސަރުކާރުން ކުރި ދިރާސާތަކުން ވޭޕް ބޭނުންކުރާ މީހުން ސިނގިރޭޓަށް ބަދަލުނުވާކަން ކަށަވަރުވެފައިވާ ކަމަށާއި، މިހާރު ގެންނަ ބަދަލަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިލްމީ ލަފާގެ މަތިން ގެންނަ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކުން 4 ރުފިޔާގެ ޑިއުޓީއެއް ނަގާއިރު، 30 އިންސައްތައިގެ އެޑްވޮލެރަމް ޑިއުޓީއެއް ނަގަން ވެސް ވަނީ ހިމަނާފައެވެ. ހަމައެއާއެކު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ޕެޗު ފަދަ ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.