މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އޮލިމްޕިކް ދުވަހުގެ މުނާސަބަތުގައި، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކޮންމެ ބޮޑު ކާމިޔާބީއެއްގެ ފެށުމަކީ ވެސް އަޒުމާއި، ހަރުދަނާ އަހްލާގާއި، ހިތްވަރުގަދަކަން ކަމަށެވެ. އަދި މިއަދަކީ ރާއްޖޭގެ ކުޅުންތެރިންނާއި، ކޯޗުންގެ އިތުރުން މުސްތަގުބަލުގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ހުވަފެންދެކޭ ޒުވާނުންގެ ހިތްވަރު ފާހަގަކޮށް، އެފަރާތްތަކަށް އިހުތިރާމް އަދާކުރާ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ކޮންމެ ދިގު ދަތުރެއްވެސް ފެށެނީ އެންމެ ފިޔަވަޅަކުން ކަމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. މިގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ހަރަކާތްތަކުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ކަންކަމުގައި ދެމިތިބުމުގެ ރޫހު އާލާވެ، އެކުދިންގެ ފުރިހަމަ ގާބިލުކަން ހާމަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރަކީ ހަމައެކަނި ދުޅަހެޔޮކަމަށް ކުރާ ކަމެއްގެ އިތުރުން، ގައުމު ވަރުގަދަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ފާލަންތައް ބިނާކޮށްދޭ ވަސީލަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އޮލިމްޕިކް ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމުގެ މަގްސަދުގައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާ ހަރުފަތަކަށް ގެންގޮސް، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށެވެ.
