ސަރަޙައްދީ ފެންވަރުގައި ހިންގާ ބޮޑެތި ކުށްތަކާ (ޓްރާންސްނޭޝަނަލް ކްރައިމް) ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމުގެ މަގުސަދުގައި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުޙައްމަދެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ އާލް މަޓިއާ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ގަވާއިދުން މަޝްވަރާތައް ބޭއްވުމާއި، މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ މަގުފަހިވެފައެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދިވެހި ފުލުހުން މައުލޫމާތު ދެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ފުލުހުން ހާމަކުރި ގޮތުގައި، ދުވަހުން ދުވަހަށް ބަދަލުވަމުންދާ ސަރަހައްދީ ކުށްތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައްޔާއި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ގައުމުން ގުޅިގެން ދެމިތިބޭނެއެވެ.
މި ގުޅުމުގެ ސަބަބުން ރާއްޖޭގެ ދާހިލީ ސަލާމަތް ރައްކާތެރިކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
