ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތަކުގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތަކާއި، އެ ކަންކަމަށް އިންވެސްޓް ކުރަންޖެހޭނެ އެންމެ ދަށް މިންވަރުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/11 ގެ ދަށުން މި މަޝްރޫއުތަކާއި، އެ ކަންކަމަށް އިންވެސްޓް ކުރަންޖެހޭނެ އެންމެ ދަށް މިންވަރުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.
މި ގަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގަނޫނުގެ ދަށުން، ކޮންމެ އަހަރަކު ސަރުކާރުން ކަނޑައަޅާ އިސްތިރާޖީ މަޝްރޫއުތައް ހާމަކުރުމަށް ލާޒިމުކުރާ މާއްދާގެ ދަށުން ނެރުއްވި ގަރާރެކެވެ.
މި ގަރާރުގައި ހިމެނޭ މުހިންމު ދާއިރާތަކާއި މަޝްރޫއުތަކަށް އިންވެސްޓް ކުރަންޖެހޭ އެންމެ ދަށް މިންވަރުތައް (އެމެރިކާ ޑޮލަރުން) ތިރީގައި އެވަނީއެވެ:
ފަތުރުވެރިކަމާއި މަދަނީ އުދުހުންތައް:
- އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުން: 4 މިލިއަން ޑޮލަރު
- އަތޮޅުތަކުގައި ނޭޗާ ޕާކާއި ހެރިޓޭޖް ޓޫރިޒަމް ކުރިއަށް ގެންދިއުން: 4 މިލިއަން ޑޮލަރު
- ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުން: 5 މިލިއަން ޑޮލަރު
- ޑޮމެސްޓިކް އެއާޕޯޓް އިންޓާނޭޝަނަލް އެއާޕޯޓަކަށް އަޕްގްރޭޑްކުރުން: 5 މިލިއަން ޑޮލަރު
- އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން: 7 މިލިއަން ޑޮލަރު
ދާހިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަން:
- "އުންމީދު / ހޯޕް އައިލެންޑް" އަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުން: 10 މިލިއަން ޑޮލަރު
- "އުންމީދު / ހޯޕް އައިލެންޑް" ތަރައްގީކުރުން: 15 މިލިއަން ޑޮލަރު
- "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުން: 15 މިލިއަން ޑޮލަރު
- "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްގީކުރުން: 15 މިލިއަން ޑޮލަރު
- ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ހިންގާ މަޝްރޫއުތައް: 100 މިލިއަން ޑޮލަރު
ބިނާރާއި ގެދޮރުވެރިކަން:
- ކޯޒްވޭ ލިންކަކުން ރަށްތައް ގުޅާލުން: 4 މިލިއަން ޑޮލަރު
- ސޯޝަލް ހައުސިން މަޝްރޫއުތައް: 5 މިލިއަން ޑޮލަރު
- ބިން ހިއްކުމުގެ މަޝްރޫއުތައް: 5 މިލިއަން ޑޮލަރު
- ހިއްކާފައިވާ ރަށްރަށުގައި މަގާއި ޔުޓިލީޓީ ހިދުމަތް ގާއިމުކުރުން: 5 މިލިއަން ޑޮލަރު
ޒުވާނުންނާއި ކުޅިވަރު:
- ހައިޕާފޯމަންސް ސެންޓަރެއް ގާއިމުކުރުން: 20 މިލިއަން ޑޮލަރު
ތިމާވެށްޓާއި ހަކަތަ:
- ރަށްރަށުގައި ގާއިމުކޮށްފައިވާ ފެން އުފައްދާ ޕްލާންޓް މަރާމާތުކޮށް އަޕްގްރޭޑް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކޮށް އެކްސްޓެންޑްކުރުން: 4 މިލިއަން ޑޮލަރު
- 50 ރަށެއްގައި ކޮމްޕޯސްޓިން ޕްލާންޓް ގާއިމުކުރުން: 4 މިލިއަން ޑޮލަރު
- 10 ރަށެއްގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކުރުން 4.25 މިލިއަން ޑޮލަރު
- ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުން: 5 މިލިއަން ޑޮލަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މި މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތައް ހިމެނޭހެން، އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި އެކުލަވާލާފައިވާ ލިސްޓެކެވެ. މި ގަރާރަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
