ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" އަކީ އީ ވޯޓިންއަށް މަގުފަހިކޮށް، ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓުން ވައްކަން ކުރުމަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތުހުމަތު ކުރައްވައިފިއެވެ.
ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ މި ބިލުގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދަން ޖެހެއެވެ. އަދި މިހާރު ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޖިޓަލް ސާވިސްގެ މަސްއޫލިއްޔަތުތަކާ، މުވައްޒަފުން އައު އިދާރާއަށް ބަދަލުކުރަން ޖެހެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހައިން ޑޭޓާ ބަދަލުކުރެވޭނެ އިންޓައޮޕަރަބަލް ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އިތުބާރުހުރި ދަފުތަރުތަކެއް އެކުލަވައިލަންޖެހެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރުން ޑިޖިޓަލް ކުރުމުގެ ނަމުގައި އޮފީސްތައް އިތުރުކޮށް، މުވައްޒަފުން ނަގަމުންދަނީ ނާޖާއިޒު ގޮތުގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.
މި ބިލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް، މިނިވަން އިންތިހާބަކުން ކާމިޔާބު ނުވާނެކަން އެނގޭތީ އީ ވޯޓިން މެދުވެރިކޮށް ކަންކަން އޮޅުވާލުމަށް ވެފައިވާ "ގާނޫނީ ބޮޑު ވައްކަމެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ. ޣަފޫރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ފެނާއި ނަރުދަމާ ފަދަ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަގު ވޯޓު އެޅޭނެ މަގެއް ހޯދުމަށެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިއަދު ރައްޔިތުން ތިބީ ވަރަށް ބޮޑު ތަކުލީފެއްގެ ތެރޭގައި ކަމަށާއި، ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްއިރު ކޮންމެ ދުވަހަކު އިވެނީ ބޮޑެތި ވައްކަންތަކުގެ ވާހަކަ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ބިލަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.
މި ބިލުގެ ބަހުސްގެ ތެރެއިން ޣަފޫރު ވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމުގެ އިސްލާހަށް ވާހަކަދައްކަވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެވަގުތު އެޖެންޑާގައި އޮތް މައުޟޫއަށް އެކަނި ވާހަކަދެއްކެވުމަށް އެދިވަޑައިގެން، އެ ވާހަކަތައް ހުއްޓުވާފައެވެ.
