މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ ގޭބިސީގެ އާމްދަނިއާއި ހަރަދުކުރުން ހުރިގޮތުގެ ސަވޭ އަތޮޅުތަކުގެ ރަށްތަކުގައި ރަސްމީކޮށް ފަށައިފިއެވެ.
މި ހަފުތާގައި މި ސާވޭގެ މަސައްކަތްތައް ކުރިއަށްދާނީ އައްޑޫ ސިޓީ، ލ. އަތޮޅު އަދި ނ. އަތޮޅުން ހޮވާލެވުނު ރަށްތަކުގައެވެ. ސްޓެޓްސް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 20 އިން ފެށިގެން 28 ޖޫންގެ ނިޔަލަށް މި އަތޮޅުތަކުގައި ސާވޭގެ ޓީމުތަކުން ހަރަކާތްތެރި ވަމުންދާނެއެވެ.
މި ސާވޭގައި ރާއްޖެއިން ޖުމުލަ 4,095 ގޭބިސީއަކުން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު މާލޭ ސަރަހައްދުން 2,085 ގޭބިސީ އަދި އަތޮޅުތަކުން 2,010 ގޭބިސީގެ މައުލޫމާތު އެއްކުރާނެއެވެ. މި ސާވޭގައި ގޭބިސީތަކުގެ އާންމު ހަރަދުތަކާއި، އާމްދަނީ، ވަޒީފާގެ ހާލަތު، ދިރިއުޅުމުގެ ފެންވަރު އަދި ބޭސްފަރުވާ އާއި ދަތުރުފަތުރަށް ކުރާ ހޭދައިގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓެޓްސް ބިއުރޯއިން ބުނީ މި ސާވޭއަށް އެއްކުރެވޭ ހުރިހާ މައުލޫމާތަކީވެސް ގާނޫނީގޮތުން ސިއްރު ހިފެހެއްޓޭނެ މައުލޫމާތުތަކެއް ކަމަށެވެ. މި ސާވޭގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ގޭބިސީތަކުގެ އެވްރެޖް އާމްދަނީ އާއި ހަރަދު ހުރިގޮތް ދެނެގަތުމާއެކު ގައުމީ ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުންކަމަށް އެ ބިއުރޯ އިން ވަނީ ބުނެފައެވެ
މީގެ އިތުރުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް މިންކުރާ ކޮންސިއުމާ ޕްރައިސް އިންޑެކްސް އިސްލާހުކުރުމަކީވެސް މި ސާވޭގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ސްޓެޓްސް ބިއުރޯއިން ވަނީ ބުނެފައެވެ. ސްޓެޓްސް ބިއުރޯއިން ވަނީ ސާވޭގެ އޮފިޝަލުން ގޭބިސީތަކަށް ޒިޔާރަތްކުރާ ވަގުތުތަކުގައި އާންމުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
މިއީ ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ރާއްޖޭގައި ކުރަމުން އަންނަ ސާވޭއެކެވެ. އެންމެ ފަހުން މިފަދަ ސަވޭއެއް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
