ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ، ތޫނު ހަތިޔާރާއެކު ފިހާރައަކަށް ވަދެ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދިން ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަނީ ފިހާރައަށް ތޫނު ހަތިޔާރާއެކު ވަތް މީހާ ހިފަހައްޓައިގެން ބަޔަކު މީހުން އުޅޭ މަންޒަރެވެ. އެ މީހާ ހިފަހައްޓައިގެން 4 ވަރަކަށް މީހުން އުޅެއެވެ.

މީގެ އިތުރުންވެސް ރޭ ފަތިހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ވަދެ، އެ ފިހާރައިގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފުރަތަމަ ފެންނަނީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުންނަ ފިރިހެނަކު ފިހާރައެއްގެ ތެރޭ ތިބި މުވައްޒަފުންނަށް އިނގިލި ދިއްކޮށް ވާހަކަ ދައްކާ މަންޒަރެވެ.

އަދި އެ ފިހާރައިގައި ހުރި ބިދޭސީ މުވައްޒަފެއްގެ ގަޔާ ދިމާލަށް ދާ މްނަޒަރު ފެންނައިރު ފިހާރައިން އޭނާ ނުކުންނަނޫ ކައުންޓަރުގައި ބަހައްޓާފައި ހުރި މޮނިޓަރެއް ވައްޓާލާފައެވެ. އަދި ފަހުން އެނބުރި ފިހާރައަށް އައުމަށްފަހު މޮނިޓަރު ނަގާ މަންޒަރުވެސް ފެނެއެވެ.

އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ސާފެއް ނޫނެވެ.