ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މާލޭގެ މުހިންމު ތިން ސަރަހައްދެއް ބަލައި ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރަސްފަންނު ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދުގެ އިތުރުން ހީނާމާގެ ޕާކިން ސަރަހައްދުގައެވެ.
މި ތިން ސަރަހައްދުން ޖުމްލަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ އޮޕަރޭޝަންތަކުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށެވެ.
