ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގަވާއިދާ ހިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މި ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ. ކަސްޓަމްސްއިން ބަލާފާސްކުރި މި ޝިޕްމަންޓުގެ ތެރެއިން ވޭޕް ފެނިފައިވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ. ކަސްޓަމްސްއިން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާންމު ސިއްހަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން ވަނީ މުޅިން މަނާކޮށްފައެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގައި ވޭޕްގެ ބާވަތެއް ވިއްކައި ނުވަތަ ހިލޭ ބަހައިފިނަމަ 20,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާއިރު، ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ހާއްސަކޮށް، ކުޑަކުއްޖަކަށް ވޭޕް ވިއްކައިފި ނަމަ ނުވަތަ ހިލޭ ދީފި ނަމަ، އާންމު ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.