ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް މުހައްމަދު ސޯލިހްގެ އަމިއްލަ ގޯތި ވަގްފުކުރައްވައި، އޭނާގެ ދީލަތި އެހީގައި އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރެއްވި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

'މަސްޖިދު ޒުލައިހާ މުހައްމަދު' ގެ ނަމުން ނަންދެވިފައިވާ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއަދު ހަވީރު އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވުނު މި ހާއްސަ ރަސްމިއްޔާތުގައި، މިސްކިތް ބިނާކުރެއްވި އޮނަރަބަލް މުހައްމަދު ސޯލިޙާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މަސްޖިދު ޒުލައިހާ މުހައްމަދު ހުޅުވައިދެއްވަނީ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، އޮނަރަބަލް މުހައްމަދު ސޯލިހްގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަގްފުކުރައްވައި، އެ ބިމުގައި މިސްކިތެއް ބިނާކުރެއްވި ދީލަތި ގޮތް ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިއަދުގެ ޒުވާން ޖީލަށް ދެއްކެވި ވަރަށް މަތިވެރި މިސާލެއް އަދި ރަނގަޅު ފިލާވަޅެކެވެ.

މަސްޖިދު ޒުލައިހާ މުހައްމަދު ހުޅުވުމަށްފަހު އިސްލާމިކް މިނިސްޓަރު މިސްކިތް ބައްލަވާލައްވަނީ

ހުޅުދޫގައި އަލަށް ހުޅުވުނު މި މިސްކިތަކީ އެއްވަގުތެއްގައި 200 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.