ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ނުވަތަ މީސްލްސްގެ އިތުރު 5 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު މި ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި އެޗްޕީއޭ އިން ވަނީ ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ހުންއައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންގާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
  • ބަލީގެ އަލާމާތް ހުންނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުން.
  • ބައްޔަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެގެން ހުރުން.
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.

ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ ވެކްސިން ކަމަށްވާއިރު، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށްވެސް އެޗްޕީއޭ އިން ވަނީ ބާރުއަޅާފައެވެ. އަދި މި ދުވަސްވަރު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދިނުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.