ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ހިލާފުވުންތަކަށް އެ ގައުމު ޒިންމާދާރުކުރުވުމަށް ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅައި ގޮވާލައިފިއެވެ.

މިކަމަށް ގޮވާލެއްވީ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގެ ތެރެއިން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާ ބެހޭގޮތުން އެކުލަވާލާފައިވާ މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވެވީ، ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާގެ ބަޔާނުގައި، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދިވެހި ސަރުކާރުގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، އާންމު ރައްޔިތުންނާއި މަދަނީ ވަސީލަތްތައް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްރާއީލަށް ގޮވާލެއްވިއެވެ.

"އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ފާޅުގައި ހިލާފުވަމުންދާއިރު، އެ ގައުމު ޒިންމާދާރުކުރުވައި، އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ނުކުތުމަށް ރާއްޖެއިން އިލްތިމާސްކުރަން،"
ޑރ. ސަލްމާ

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން އިތުރަށް ވަޒަންވެރިކަމުން މަހްރޫމްވުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ހައްގު ކަށަވަރުވާނެ ފަދަ އިންސާފުވެރި، ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިކުރުމަށްވެސް ރާއްޖޭގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ބަޔާން ނިންމަވާލައްވަމުން ޑރ. ސަލްމާ ވަނީ، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ގެނައުމަށް ދިވެހިރާއްޖެއިން ކުރާ ވަކާލާތު ތަކުރާރުކުރައްވާފައެވެ. އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ދޭ އެއްބާރުލުމުގައި ދެގޮތެއް ނުވެ ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.