ޕޭޕަލްގެ ހިދުމަތާއެކު ރާއްޖެއަށް ފައިސާ ލިބުމުގަ ހުރި ދަތިތައް ނިމުމަކަށް އައިސް ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ހުނަރުތައް ދުނިޔޭގެ މާކެޓަށް ނެރުމަށް ލިބުނު ތާރީހީ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ 2023 ނޮވެމްބަރުގައި މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއް ފުރިހަމަވެގެން ދިޔަ މުނާސަބަތެއް ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ޒުވާން އީޖާދުވެރިންނަށް ބޭރަށް ފައިސާ ފޮނުވުނު ނަމަވެސް، ރާއްޖެއަށް ފައިސާ ލިބޭނެ ފަސޭހަ ނިޒާމެއް ނެތުމުން ކުރިމަތިވި ހުރަސްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕޭޕަލްގެ ހިދުމަތަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ، މުއްސަނދި ގައުމަކަށް ހެދުމަށް ގެންގުޅުއްވާ "ވިޝަން 2040" އިގްތިސާދީ ތަސައްވުރުގެ މުހިންމު ބައެކެވެ. "މޯލްޑިވްސް 2.0" ޑިޖިޓަލް އެޖެންޑާގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓް ޑިޖިޓަލް އިކޮނޮމީން ހިއްސާކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މި ހިދުމަތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ގެސްޓްހައުސް އޮޕަރޭޓަރުންނަށް ސީދާ ފަތުރުވެރިންގެ އަތުން ޑިޕޮސިޓް ފައިސާ ހޯދުމަށާއި، ޑައިވް ސްކޫލްތަކަށް ބޭރުން ބުކިން ހެދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ކުދި އުފެއްދުންތެރިންނަށް ކޮންމެ ރަށެއްގައި ތިބެގެންވެސް ދުނިޔޭގެ މާކެޓަށް އުފެއްދުންތައް ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

އުފެއްދުންތެރިންނަށް އެހީތެރިވުމުގެ ގޮތުން، ހާއްސަ ފައިނޭންސިން ފުރުސަތުތަކާއި މައިކްރޯ-ފައިނޭންސިން ތައާރަފުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި "ކްރިއޭޓިވް އިކޮނޮމީ ކައުންސިލް" މެދުވެރިކޮށް ޒުވާނުންނަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭގައި ތަރައްގީކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު 11 ގައި ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ބ. ތުޅާދޫ އަދި ގދ. ގައްދޫގައިވެސް ސަރަހައްދީ ފެސިލިޓީތައް ތަރައްގީކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ 2026 ވަނަ އަހަރަކީ "އުފެއްދުންތެރިކަމުގެ ގައުމީ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ރައީސް ވަނީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތުގައި އެހީތެރިވި އުރީދޫ، ޕޭޕަލް، އިކޮނޮމިކް މިނިސްޓްރީ އަދި އެމްއެމްއޭ އަށް ޝުކުރު އަދާކުރައްވާފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މިއީ "މޯލްޑިވްސް 2.0" އަމަލީ ގޮތުން ފެނިގެންދާ މަންޒަރެއް ކަމަށާއި، މިއީ ހަމައެކަނި ކުރިމަގުގެ އުއްމީދެއް ނޫން ކަމަށާއި، މިހާރު ފުދިފައިވާ ވައުދެއް ކަމަށެވެ.