އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ނޭވީ މަނަވަރު މިއަދު ރާއްޖެ ގެނެސްފިއެވެ.

އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ރާއްޖެއަށް ކަނޑުމަގުން އެންމެ ދިގު ދަތުރު ކުރި މި ތާރީހީ ދަތުރު ނިންމާލުމަށްފަހު، މި އުޅަނދު ހުޅުމާލޭ ބަނދަރަށް ބަނދަރުކުރުމުން އެ އުޅަނދަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ، ޑޭވިޑް ޖެސަޕް އެވެ.

މި އުޅަނދު ރާއްޖޭގެ ބަނދަރަށް ވަދެގެން އައީ ކަނޑުމަތީގެ އަސްކަރީ އާދަކާދަތަކާ އެއްގޮތަށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާ އެކުގައެވެ. އަދި އުޅަނދަށް މަރުޙަބާ ކިޔުމުގެ ގޮތުން ޝަރަފުވެރި "ވޯޓާ ސެލިއުޓް" އެއް ވަނީ އަރުވާފައެވެ.

މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ގާބިލުކަން ވަރުގަދަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަށް ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. އޮސްޓްރޭލިއާގެ އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި މުޅިން އައު މަނަވަރަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެކެވެ.

މި އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން، ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި ތިބެގެން އުޅަނދު އޮޕަރޭޓްކުރުމުގެ ފަންނީ ތަމްރީނުތަކާއި ތަޖުރިބާ ދަތުރުތައް ފުރިހަމަކޮށްފައެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މި މަނަވަރުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވުމުގެ އިތުރުން، ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދުގެ މި އުފާވެރި މުނާސަބަތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި، އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުން ބައިވެރިވެ، އުޅަނދު ބައްލަވާލައްވާފައިވެއެވެ.