ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ފްލެޓް ހިމެނޭ ސަރަހައްދުގައި ބަސް ހުއްޓިތައް ނެތުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވެއްޖެއެވެ.
ކައުންސިލަރު ޒަހިއްޔާ މިހެން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓް ދޫކޮށްފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމާ ގުޅޭގޮތުން، "ފަހި ޔޫނިއަން" ޖަމިއްޔާއާއެކު މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޒަހިއްޔާ ފާހަގަކުރެއްވި ގޮތުގައި، އެ ސަރަހައްދުގައި ބަސް ހުއްޓިއެއް ނެތުމަކީ ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ބަހުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން، ކުދިން ސްކޫލަށް ގެންދިއުމާއި އޮފީސްތަކަށް ދިއުމުގައި އާންމުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ކަންކަމަށް ބުރޫއަރަމުންދާކަން ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކަމާގުޅުންހުރި ހުރިހައި އިދާރާތަކާ ބައްދަލުކޮށް މަސައްކަތްތައް ފަށްޓަވާނެ ކަމަށެވެ. "އެ ފްލެޓްތަކުގައި ވެސް އުޅެނީ އިންސާނުން، އެ މީހުންނަށް ވެސް ފަސޭހަވާނެހެން ބަސް ހުއްޓިތައް ހުންނަން ޖެހޭނެ،" މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރާ މި ފްލެޓްތަކަކީ ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވާނެ ސަރަހައްދަކަށް ވާއިރު، އަސާސީ ހިދުމަތްތައް ފުރިހަމަވެފައި އޮތުމަކީ ރައްޔިތުންގެ ބޮޑު އެދުމެކެވެ. އެ ސަރައްހައްދުގައި ދިރިއުޅޭ އާންމު ރައްޔިތަކު ' ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ބަހުގެ ހިދުމަތް ހޯދަން ބޭނުންވާތީ ޖެހެނީ ވިނަރެސް ފްލެޓް ކައިރީ ހުންނަ ބަސް ހުއްޓިއާ ހަމައަށް ދާން ކަމަށާއި އެއީ ވަރަށް ދަތި ކަމަށެވެ. ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އެ ސަރަހއްދުގައި ސްކޫލަށް ދާ ކުދިންނާއި އޮފީހަށް ދާ އެތައް ބަޔަކު އުޅޭ އިރު ބަހު ހިދުމަތް ހޯދުމަށް ދުރަށް ދާން ޖެހުމަކީ ތަކުލީފެއް ކަމަށާއި ހައުސިން މަޝްރޫއެއް ނިންމާ މީހުން އާބާދުވާ އިރު ބޭޏުންވާ ޒަރޫރީ ހިދުމަތްތައް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ޭނާ ފާހަގަކުރިއެެވެ.
